ޒިނޭގެ ތުހުމަތު އެޅުވި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުވުމުގައި ނޫސްވެރިޔާ ވަނީ މާރިޗު 28 ވަނަ ދުވަހު "އަދަދު" ނޫހުން ޝާއިޢުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ޑޮކިއުމެންޓްރީގައި ވާހަކަދެއްކި އަންހެން މީހާ ވަނީ ރައީސާ އެކު ކައިވެނިން ބޭރުން ނަހަމަ ގުޅުން ހިންގި ކަމަށާއި، ރައީސް އޮފީހުގެ ކެބިންއެއްގައި އެކަހެރިކޮށް އެތައް ފަހަރަކު ބައްދަލުކުރި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ރައީސްގެ ޕީ.އޭ ޙަސަން މެދުވެރިކޮށް މެސެޖުތައް ފޮނުވައި ފައިސާ ދިން ކަމަށްވެސް އެ އަންހެން މީހާ ވަނީ ތުހުމަތުކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. "އާދެ، ކަނޑައެޅިގެން ދޮގު ވާހަކަ އިނގޭތޯ. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތި ބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމާ، ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތި ބޭފުޅުން ވީޑިއޯއެއް ހެއްދެވިހެއްދެވުމަށް ތި އިއުރިރާފް ވެވަޑައިގެންނެވީ، މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދަޢުވާކުރަން އެދޭނަން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިފަދަ ދޮގު ވާހަކަތައް ހިމަނައިގެން ވީޑިއޯ ތައްޔާރުކުރުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، އަދަދު ނޫހަކީ ކުރިން "ދޮން އަމާ" ވީޑިއޯވެސް ހެދި ފަރާތް ކަމަށް ބުނެ ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ މި މައްސަލައިގައި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.






ރިއެކްޓް