ގަބޫލުފުޅު ކުރައްވާ އުސޫލުތަކާ ހިލާފަށްވެސް ރައީސް ދިފާއު ކުރެއްވީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން ބައެއް މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު ހާމަކުރެއްވުމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މައްސަލައިގައި މިނިސްޓަރު އަދި އިދާރާތަށް ދިފާއު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް ވިދާޅުވީ މައުލޫމާތު ހާމަކުރަން ޖެހުނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.
މިނިސްޓަރު އިހުސާން ވަނީ އެކި ފަހަރުމަތިން ބައެއް ބޮޑެތި މައްސަލަ ތަކުގައި އެ މައްސަލައިގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު މީޑިއާތަކާއި އާންމުންނަށް ހިއްސާކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއީ އިންޓަނޭޝަނަލް މިންގަނޑު ތަކުންނާއި އަދި އަމިއްލަފުޅަށްވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެ މައުލޫމާތު ހާމަކުރަން ޖެހުނީ އައި ޕްރެޝަރެއްގެ ސަބަބުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މައްސަލައިގައި މަސައްކަތްކުރި މުއަސަސާތަކުގެ މުވައްޒަފުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
"މަޖުބޫރީ ހާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ދޭން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަތަކުގައި މަސައްކަތްކުރާ މީހުން ގޯސް ހަދާކަމަށް ތުހުމަތު ކުރުމުން، އެ މީހުން އެފަދަ ގޯހެއް ނަހަދާކަން ސާބިތުކޮށްދިނުމަށްޓަކައި ކޮންމެވެސް މިންވަރަކަށް މައުލޫމާތު ހާމަކުރަން ޖެހުނީ ކަމަށެވެއ.
މި މައުލޫމާތުތައް ހާމަކުރުމަކީ އާންމު އުސޫލެއްގެ ގޮތުން ކުރަން ބޭނުންފުޅުވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެން އެއް ވިސްނުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެކެއްގެ ހައްގު އޮންނަ ފަދައިން އަނެކާގެ ހައްގުތަކަށްވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަން ރައީސް ފާހަގަކުރެއްވި އެވެ.






ރިއެކްޓް