ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލާގެ ހުކުމް ބުދަ ދުވަހު އިއްވަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.
މި މައްސަލައަކީ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މި މައްސަލާގެ އަޑުއެހުންތައް މި މަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ.
ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި، މި މައްސަލާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ހައިސިއްޔަތާ ގުޅޭ މުހިންމު ނިންމުމަކަށް ވާނެއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅަމުން، މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މި ބެންޗުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވައެވެ.






ރިއެކްޓް