ސިޔާސީ , ޚަބަރު

އިސްތިއުފާ ދޭންވީ މުއިއްޒު، ކެބިނެޓެއް ނޫން،: ރައީސް ނަޝީދު

26 އޭޕްރީލް 2026 - 14:37
އިސްތިއުފާ ދޭންވީ މުއިއްޒު، ކެބިނެޓެއް ނޫން،: ރައީސް ނަޝީދު

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ވެރިކަންކުރާ ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، އިސްތިއުފާ ދޭންވީ ވަޒީރުން ނޫން ކަމަށާއި، އިސްތިއުފާ ދެއްވަންވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ފައްޔާޒް އިސްމާއިލާއި އެކު ގާނޫނު އަސާސީއަށް ހުށަހަޅުއްވާ "ބޮޑުބަދަލު"ތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އައްޑޫ ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިންތިހާބުގެ ނަތީޖާއަށްފަހު ސަރުކާރުން ވަނީ ކެބިނެޓުގެ ބައެއް މެންބަރުން ވަކިކުރައްވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނުވެސް ވަނީ ވަޒީރުން އިސްތިއުފާދެއްވީ ރައީސް އަންގަވައިގެން ކަން ދޭހަވާ އިބާރާތުން ވާހަކަ ދައްކަވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، 10 ވަރަކަށް ވަޒީރުން ވަކިކުރައްވައި، އެ ބޭފުޅުންގެ ސަބަބުން އިންތިހާބުން ބަލިވީ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "އެ ވަގުތަކީ ކިރިޔާ ވެސް ޑިމޮކްރަސީއެއް ހިނގާ ގައުމެއް ނަމަ، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދީފަ ވަޑައިގަންނަވާނެ. އެއީކީ ދެން ހުންނެވޭނެ ވަގުތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ކައުންސިލް އިންތިހާބުގައި އެއްވެސް ސިޓީ ކައުންސިލެއްގެ މެޖޯރިޓީ ނުވަތަ މޭޔަރުކަން ސަރުކާރަށް ލިބިފައި ނުވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ފެންނަނުފެންނަ ވޯޓުން ސަރުކާރު ބަލިވީ 68 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނުމުން ކަމަށެވެ. މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް އަތޮޅުތަކަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާއި، ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0