ރައީސް ނަޝީދު ވަކިވުމުން އެމްޑީޕީއަށް ވެސް ނަޝީދަށް ވެސް ލިބުނު މޮޅެއް ނެތް: ރޮޒައިނާ
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ދި ޑިމޮކްރެޓްސް އުފެއްދެވުމުން އެމަނިކުފާނަށް ވެސް އަދި ޕާޓީއަށް ވެސް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ކުރީގެ ވީޑިއޯއެއްގައި މީހަކު ރޮޒައިނާ ޓެގް ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މާޒީގެ އެފަދަ ވާހަކަތައް އަޑުއަހަން ބޭނުން ނުވާ ކަމަށާއި، ފަހަތަށް އެނބުރި ބަލަން ތިބެގެން ކުރިއަށް ނުދެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ދުވަހު އޭނާ އެ ޖަލްސާއަށް ދިޔައީ ވެސް ޕާޓީ އެކަތިގަނޑަކަށް ވާތަން ދެކެން ބޭނުންވާތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ހުރިހާ ފަރާތްތަކަކުން ވެސް ހިތްދަތިވާނެ ފަދަ ވާހަކަތައް މާޒީގައި ދެކެވިފައި ހުރި ނަމަވެސް، މިއަދު އެ ހުޅުގަނޑުތައް ނަގައިގެން ޖެހުމަކުން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. "މިއަދު އެންމެންނަށް ވެސް ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީއާ ވަކިވެގެން ރައީސް ނަޝީދަށް ވެސް މޮޅެއް ނުލިބުނުކަން. އަދި ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް ވަޑައިގަތުމުން އެމްޑީޕީއަށް ވެސް މޮޅެއް ނުވިކަން،" ރޮޒައިނާ ލިޔުއްވާފައިވެއެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ރޮޒައިނާ ވަނީ ނެގަޓިވިޓީ ފެތުރުމުގެ ބަދަލުގައި ރީތި ކެމްޕޭނެއް ކުރުމަށާއި، ޕާޓީ އެކުލަވާލުމަށް އެންމެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި މާޒީގައި ދެކެވިފައިވާ ވާހަކަތަކަށް މިއަދު އެންމެންނަށް މާފުކޮށްފައިވާ ކަމަށާއި، އެއީ އެ ދުވަހުގެ ހާލަތު ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ވާހަކަ ނިންމާލަމުން ވިދާޅުވީ މިއަދު ބޭނުންވަނީ އެމްޑީޕީ ކުރިއަށް ގެންދިއުމަށާއި އެކުވެރިކަން ބަދަހިކުރުމަށް ވާހަކަދެއްކުން ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އޭނާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.






ރިއެކްޓް