ދައުލަތުގެ މީޑިއާއިން މުދަލާއި ޚިދުމަތަ ހޯދުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ނުދައްކާ ހުރި 3.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޝަންހައި އެވްރޮން އިންޓަރނޭޝަނަލް ޓްރޭޑް ކޯ ލިމިޓެޑަށް ދައްކަންޖެހޭ 213,900 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.3 މިލިއަން ދިވެހި ރުފިޔާ) ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ކުރި މި ހުކުމަކީ ޝަންހައި އެވްރޮން އިންޓަރނޭޝަނަލް އިން ޕީއެސްއެމްއަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ. މި މައްސަލާގައި އެ ކުންފުނިން އެދިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުގެ ގޮތުގައި ލިބެންޖެހޭ 718,900 ޑޮލަރާއި، ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
ނަމަވެސް، މި ދަޢުވާގައި ހިމެނޭ ފައިސާގެ ތެރެއިން ޕީއެސްއެމް އިން އެއްބަސްވެފައިވަނީ ޖުމްލަ 285,150 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. މީގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ކުރިން ދައްކާފައިވާ 71,250 ޑޮލަރު އުނިކުރުމުން ބާކީވާ 213,900 އެމެރިކާ ޑޮލަރަކީ ޕީއެސްއެމް އިން ދައްކަންޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ވަނީ ކޯޓުގައި އެއްބަސްވެފައެވެ.
މި މުއާމަލާތް ހިނގާފައިވަނީ ކޮން ތާރީހެއްގައި ކަން ކޯޓު އަމުރުގައި ބުނެފައި ނެތަސް މި މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 2023 ގައި ކޯޓުގެ ގަޒިއްޔާ ނަމްބަރުން އެގެން އޮވެއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ޕީއެސްއެމް އިން އެއްބަސްވެފައިވާ ފައިސާގެ މިންވަރަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް ޝަންހައި އެވްރޮން އިން އެދިފައިވާތީ، މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 62 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ފައިސާ ދެއްކުމަށް އަމުރުކުރާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ "30 އެޕްރީލް 2026 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާޞްކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ އަށް އަންގައި، އަމުރުކޮށްފީމެވެ." މި މައްސަލައަކީ ގިނަ އަހަރުތަކެއް ވަންދެން ހިނގަމުން އައި މައްސަލައެއްކަން ފާހަގަކުރެވެއެވެ.






ރިއެކްޓް