ޚަބަރު

މަގުމަތިން ބަލައި ފާސްކުރި މީހެއްގެ 35 ފުޅި ބަނގުރަލާ އެކު ހައްޔަރުކޮށްފި

26 އޭޕްރީލް 2026 - 09:50
މަގުމަތިން ބަލައި ފާސްކުރި މީހެއްގެ 35 ފުޅި ބަނގުރަލާ އެކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބަންގްލަދޭޝް ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެމް.ޑީ ރަޖިބް އަލީ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން 35 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ހިންގި މި ހަރަކާތަކީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ފުލުހުން މިހާރު ވަނީ އޭނާ ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މިއީ މިފަދަ ކުށްތަކަށް އަރައިގަންނަ ބިދޭސީންނާމެދު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ނިންމި ނިންމުމެކެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0