ސިޔާސީ , ޚަބަރު

މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކޭނެ ގޮތެއް ނެތް: ފަޔާ

26 އޭޕްރީލް 2026 - 08:10
މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކޭނެ ގޮތެއް ނެތް: ފަޔާ

ރައްޔިތުންގެ މަޖިލީހުގެ ދެފައި ބިންދާލައި، ލޯ ކަނުކޮށްލާފައިވާ ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަޖިލިސް މެންބަރުން ވާހަކަ ދައްކާތަން ނުފެންނަ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒް މިހެން ވިދާޅުވީ "ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ ދުނިޔެއަށް ބޮޑު ހަނގުރާމައެއް ކުރިމަތިވެ އެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، އެފަދަ މުހިންމު ކަންކަމުގައި މަޖިލިސް މެންބަރުން ވާހަކަދައްކާތަނެއް ނުފެންނަ ކަމަށެވެ. 

"އަޅުގަނޑުމެންނަށް މި އިނގޭ އެއްޗަކީ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އޮތްތަނެއް ނޫންކަން" ފައްޔާޒް ވިދާޅުވި އެވެ.

މި ހާލަތަށް ބަދަލެއް ގެނައުމަށްޓަކައި ހަތަރުވަނަ ބާރެއް ތައާރަފުކުރަން ހުށަހަޅުއްވަމުން ފައްޔާޒް ވިދާޅުވީ، މިނިވަން މުއައްސަސާތަކަކީ ދައުލަތުގެ އަނެއް ތިން ބާރުގެ މައްޗަށް ފާރަވެރިވާ ހަތަރުވަނަ ބާރަށް ހަދަންޖެހޭ ކަމަށެވެ.

ނަމަވެސް މިހާރު މިނިވަން މުއައްސަސާތައް އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މަޖިލީހަށް ބޭނުންވެއްޖެ ނަމަ އެ މުއައްސަސާތަކުގެ ވެރިންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒާއި ރައީސް ނަޝީދު ހުށަހެޅުއްވި "ބޮޑު ބަދަލު"ގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ކަންކަން ބެލުމަށް ވަކި ކޮމިޝަނެއް އޮންނަންޖެހޭނެ ކަމަށާއި، އެ ކޮމިޝަނުގެ މެންބަރުން ވެސް ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ.

މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އޮންނަ މިންވަރާ ބެހޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އޮތުމުން ކޮންމެ ސަރުކާރަކުން ވެސް މުއައްސަސާތައް ކޮންޓްރޯލް ކުރާ ކަމަށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަން މިހާރު އޮތީ ޕީއެންސީގެ ދަށުވެފައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކެއް ބޭއްވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0