ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

25 އޭޕްރީލް 2026 - 16:27
ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ބަންދު ގޮޅީގައި ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ގޮޅި ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި ފުލުހުންގެ ބަންދުގައި ހުއްޓާ މީހަކު ނިޔާވި ދެވަނަ ހާދިސާއެވެ. މި މަހުގެ 15 ވަނަ ދުވަހުވެސް ފުލުހުންގެ ބަންދުގައި ހުއްޓާ މ. ރޭއަލިވާގެ، އަޙްމަދު ނަވްޝާދު (41އ) ވަނީ ނިޔާވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0