މީދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ނުވުމުން ޕީއެންސީގެ ކެންޑިޑޭޓް ކޯޓަށް
މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ސައްހަ ނޫން ވޯޓެއް ބާތިލު ކުރުމުން ހުށަހެޅި މައްސަލަ ހައިކޯޓަށް ބަލައިގަނެ، ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިންތިހާބުގައި ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމެވެ.
މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ފުރަތަމަ ކާމިޔާބު ކުރެއްވި ކަމަށް ދެއްކީ ޕީއެންސީގެ ކެންޑިޑޭޓު ސުހާއެވެ. އޭނާއަށް 393 ވޯޓު ލިބިވަޑައިގަތްއިރު، ވާދަވެރި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނަތީޖާއަށް ބަދަލު ގެނެސްފައެވެ.
އެމްޑީއޭއިން ހުށަހެޅި މައްސަލައަކީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް މީދޫގެ ހަތަރު މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ވޯޓުލީ ދުވަހު ހުރީ މީދޫގައި ކަމަށް ބުނާ މައްސަލައެކެވެ. އެމްޑީއޭއިން ބުނި ގޮތުގައި އެ މީހާ ވޯޓުލާން ފޮނަދޫއަށް ގޮސްފައެއް ނުވެއެވެ. މި މައްސަލަ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމީ އެއީ ސައްހަ ނޫން ވޯޓެއް ކަމަށާއި، އެ ވޯޓު ނަތީޖާއިން އުނިކުރުމަށެވެ.
މި ނިންމުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ، އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. މި ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ޕީއެންސީގެ ކެންޑިޑޭޓް ހައިކޯޓަށް ހުށަހެޅި މައްސަލަ މިހާރު ވަނީ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) އާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން، އިންތިހާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްހަލާގެ އިހުތިސާސް ލިބިގެންވަނީ ހައިކޯޓަށެވެ. ގާނޫނުގައިވާ ގޮތުން އިންތިހާބީ މައްސަލައެއް ރަސްމީ ނަތީޖާ އިއުލާންކުރާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހެއެވެ. ހައިކޯޓުން މި މައްސަލައިގައި ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.






ރިއެކްޓް