ޚަބަރު

ޒާތީ މަޢުލޫމާތު އާންމުކުރީ އިހުސާނު: ހެލްތަށް ގޯސްވީ އާންމުންނާއި ނޫސްވެރިން!

25 އޭޕްރީލް 2026 - 12:12
ޒާތީ މަޢުލޫމާތު އާންމުކުރީ އިހުސާނު: ހެލްތަށް ގޯސްވީ އާންމުންނާއި ނޫސްވެރިން!

ނަފްސާނީ މައްސަލަތަކުގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށް ބުނެ ހެލްތް މިނިސްޓްރީން އާންމުންނާއި ނޫސްވެރިންނަށް އެކަންކަން ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

ނަމަވެސް، ހަގީގަތަކީ މިފަދަ ނާޒުކު ހާދިސާތަކުގައި މަރުވާ މީހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ ވީޑިއޯ ޕްރެސް ބްރީފިންގ ތަކުގައި އާންމުކުރަނީ މިނިސްޓަރު އިހުސާނެވެ.

މި ހާދިސާގައިވެސް ހެލްޕްލައިނަށް ފޮނުވި މެސެޖުތައް ފަދަ ސިއްރު މައުލޫމާތުތައް އާންމުކޮށް، އާއިލާތަކުގެ އިހުސާސްތަކަށް ބެލުމެއްނެތި މައުލޫމާތު އާންމުކުރީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސްމީޑިއާގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކުރާ ކަމަށެވެ. އެކަމަކު، ސަރުކާރުގެ އިސް ވަޒީރަކު އަމިއްލައަށް އިސްވެ ހުރެ، ނަފްސާނީ އެހީތެރިކަމަށް އެދި އަންހެން ކުއްޖަކު ހެލްޕްލައިނަށް ފޮނުވި ނާޒުކު މެސެޖުތައް އާންމުކުރުމުން، އެއާގުޅިގެން ދެކެވޭ ވާހަކަތަކާއި އެކަމުގެ ޒިންމާ އާންމުންގެ ބޮލުގައި އެޅުވުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވަން ކުރާ މަސައްކަތެކެވެ.

މިނިސްޓްރީން ބުނެފައިވަނީ ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެއް ކަމަށާއި، މިފަދަ ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި އޯގާތެރިކަން އިސްކުރަންޖެހޭ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މުއައްސަސާތަކުން މިފަދަ ހާދިސާތަކުގައި އަމަލުކުރަމުންދާ ގޮތުން، އާއިލާތަކަށް ލިބޭ ހިތްދަތިކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ސިއްރު ހިފަހައްޓަންޖެހޭ ހެލްޕްލައިންތަކުގެ މައުލޫމާތު ސިޔާސީ ބޭނުމަށް ބޭނުންކުރުމަކީ ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމެކެވެ.

ނޭޝަނަލް މެންޓަލް ހެލްތް ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓްރީން ބުނާއިރު، އެ ހިދުމަތަށް އެދި މެސެޖު ކުރާ މީހާގެ މައުލޫމާތު ރައްކާތެރިކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތެވެ.

ސަރުކާރުން ބުނަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، އަމަލީ ގޮތުން ފެންނަނީ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ޒާތީ މިނިވަންކަމަށް އަރައިގަނެ، އެކަމުގެ ބަދުނާމު ނޫސްވެރިންނާއި އާންމުންގެ ބޮލުގައި އަޅުވާ މަންޒަރެވެ.

މިނިސްޓްރީގެ ބަޔާން ނިންމާލަމުން، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށް ގޮވާލާފައިވީ ނަމަވެސް، ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ފަރާތުން ފެންނަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި އޮތް ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ޢަޤީޤަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކުރަން ބުނާއިރު، ސަރުކާރުން ފުރަތަމަ ޖެހެނީ ރައްޔިތުންގެ ޒާތީ މައުލޫމާތަށް އިހުތިރާމް ކުރަން ދަސްކުރާށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0