އާމްދަނީ ބޮޑުތަނުން ދަށްވާއިރުވެސް ސަރުކާރުގެ ހަރަދާއި އިސްރާފު ބޮޑު: ރައީސް ނަޝީދު
ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑަށް ދަށްވަމުން އަންނައިރު ވެސް ސަރުކާރުގެ ހަރަދާއި އިސްރާފު އިތުރުވަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ނަޝީދު މިހެން ވިދާޅުވީ، މި ސަރުކާރުން މީގެ ދޮޅު އަހަރުކުރިން އިންޑިއާގެ ރިޒާވު ބޭންކުން ނެގި ޑޮލަރު ސްވޮޕް ފެސިލިޓީ ދެއްކުމުން، އޭގެ ބަދަލުގައި 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީއެއް ބޭނުންކުރަން އިންޑިއާއިން ހުއްދަ ދިނުމާ ގުޅިގެންނެވެ. އެކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރައްވަމުން ނަޝީދު ވިދާޅުވީ، "އިންޑިއާއިން އާ ފަންޑިން ދޫކުރީ ކުރީގެ ދަރަނި ދައްކަންޖެހޭ ދުވަހު. މިއީ ގައުމުތަކުން އާންމުކޮށް 'ޑެޓް ރޯލް އޯވާ' ކުރުމަށް ނުވަތަ ބޭނުންކުރާ އުސޫލެއް. އެއީ ކުރީގެ ދަރަނި ދެއްކުމަށްޓަކައި އާ ދަރަނި ނެގުން،" ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ 30 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސަރުކާރުގެ ހަރަދުތައް ހުރީ ނުހަނު މަތީގައި ކަމަށާއި އަދި އެހާމެ އިސްރާފު ބޮޑު ކަމަށެވެ. އެހެންކަމުން ސަރުކާރުން ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ ޕްލޭނެއް ގެންގުޅެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ މަސްރަހަށް ބަލާއިރު، އިރާން ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އިގުތިސޯދަށް އަދިވެސް އަލިމަގެއް ނުފެންނަކަން ނަޝީދު ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތި މެދުވެރިކޮށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމަކީ ރާއްޖޭގެ ޓޫރިޒަމަށް އެރި ބޮޑު ލޮޅުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ހަމަޖެހުނު ރުޕީސް ސްވޮޕް ފެސިލިޓީގައި އިންޓަރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ލުއިތަކެއް ހިމެނެ އެވެ. 2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރެވުނު ފަހުން، އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވެޕް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މި ރުޕީސް ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.






ރިއެކްޓް