ޚަބަރު , ސިޔާސީ

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މާދަމާ ބާއްވަނީ

24 އޭޕްރީލް 2026 - 18:14
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބު (ޕްރައިމަރީ) މާދަމާ ބޭއްވުމަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގައި ގާއިމުކުރާ ވޯޓު ފޮށިތަކުގައި ވެސް އޮންނާނެއެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މުހައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

މި ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު ސައީދަކީ މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، ވަރަށް ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ބޭފުޅެކެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގެ އެންމެހާ އިންތިޒާމުތައް ބަލަހައްޓާނީ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީންނެވެ. އަދި އިންތިޚާބުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމިޓީގެ ފަރާތުން އާންމުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0