ޚަބަރު , ސިޔާސީ

ޒާތީ މައުލޫމާތު އާންމުކުރާ މައްސަލައިގައި މިނިސްޓަރު އިހުސާންގެ ޝަކުވާ އެޗްއާރްސީއެމަށް

23 އޭޕްރީލް 2026 - 22:47
ޒާތީ މައުލޫމާތު އާންމުކުރާ މައްސަލައިގައި މިނިސްޓަރު އިހުސާންގެ ޝަކުވާ އެޗްއާރްސީއެމަށް

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނިޒާމީ ގޮތެއްގައި އާންމުންގެ ޒާތީ މައުލޫމާތާއި ސިއްރުތައް ހާމަކުރަމުންދާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ރަސްމީ ޝަކުވާއެއް ހުށަހަޅައިފިއެވެ.

"ވިރާސީ" އަށް ދާދި ދެންމެއަކު ލިބުނު އާންމު ފަރާތަކުން ފޮނުވި މި ސިޓީގައި ބުނެފައިވަނީ، ވޭތުވެދިޔަ ތަނުގައި ހޯމް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުން ގާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އާއިލީ އަދި ޒާތީ ދިރިއުޅުމުގެ ހައްގާއި އިންސާނީ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށެވެ.

އެޗްއާރްސީއެމަށް ހުށަހެޅި ޝަކުވާގައި ދައުލަތުގެ އިދާރާތަކުން ހަތަރު މައްސަލައެއްގައި އަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމްއެންޔޫ ހޮސްޓެލްގައި ނިޔާވި 18 އަހަރުގެ ދަރިވަރުގެ ފޯނު މެސެޖުތަކާއި، ވިކްޓިމް ސަޕޯޓް ޔުނިޓާއެކު ދެކެވުނު ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން އާންމުކުރެއްވި މައްސަލަ ހިމެނެއެވެ. މިއީ ނިޔާވެފައިވާ މީހެއްގެ ކަރާމާތަށް އަރައިގަތުން ކަމަށާއި އާންމު ސިއްހީ މިންގަނޑުންވެސް ނަފްސާނީ މައްސަލަތަކުގައި ސިއްރުވެފައި ހުންނަންޖެހޭ ވާހަކަތަށް އިހުސާނު އާންމުކޮށްފައިވާ ކަމަށް ޝަކުވާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޖޫން 2024 ގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލުގެ ގޮޅީގެ ސީސީޓީވީ ފުޓޭޖް އާންމުކުރި މައްސަލައާއި، ހ. ފެންޓަނޯއިގޭގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ހާދިސާގައި އަނިޔާވި ހައްވާ ޔުމްނުގެ "އިންޓިމޭޓް" މަނަޒަރުތަކެއް ފެންނަ ސީސީޓީވީ ފުޓޭޖް އާންމުކުރި މައްސަލަ ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އޮކްޓޯބަރު 2024 ގައި މަރިޔަމް ވިފާގުގެ މަރާ ގުޅިގެން، އޭނާގެ ނަފްސާނީ ބަލީގެ ތާރީޚާއި މެޑިކޯ-ލީގަލް ރިޕޯޓުގެ ތަފްސީލުތަކާއި އޭނާގެ ޖިންސީ، ޒާތީ މައުލޫމާތު ފުލުހުންގެ އިސް އޮފިސަރަކު މީޑިއާއަށް ހާމަކުރުމަކީ ބޮޑު އިހުމާލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ޝަކުވާ ހުށަހެޅި ފަރާތުން އެދިފައިވަނީ މިފަދަ މައުލޫމާތުތައް ހާމަކުރުމުގެ ގާނޫނީ ބާރުވެރިކަން އޮތް މިންވަރު ބަލައި، "އާންމު މަސްލަހަތު" މި ބަހުގެ ނިވާފަތްގަނޑުގައި ރައްޔިތުންގެ ޒާތީ ސިއްރުތައް ހާމަކުރުން ހުއްޓުވުމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ފަރާތްތަކާ މެދު މިނިވަން ތަހުގީގެއް ހިންގައި ދައުވާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

"މިފަދަ ކަންކަމަށް ފިޔަވަޅު ނޭޅިއްޖެނަމަ، ރާއްޖޭގައި ކަށަވަރުކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގާއި އިންސާނީ ކަރާމާތް މުޅިން ނެތިގެން ހިނގައިދާނެ،" ސިޓީ ނިންމާލަމުން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0