ކަރަންސީ ސްވޮޕަށް 400 މިލިއަން ޑޮލަރު ދައްކައިފި، އިތުރު 319 މިލިއަން ޑޮލަރު ރާއްޖެއަށް ދެނީ
އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީއަށް ދިވެހި ސަރުކާރުން ފައިސާ ދައްކައިފިއެވެ. އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އިގްތިސާދީ، މާލީ އެހީތެރިކަމުގެ ތެރެއިން، 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް' ގެ ދަށުން 30 ބިލިއަން އިންޑިއަން ރޫޕީޒް (ގާތްގަނޑަކަށް 319 މިލިއަން ޑޮލަރު) ރާއްޖެއަށް ދޫކުރުމަށް ނިންމައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ފައިސާއެވެ.
މީގެ ކުރިން އޮކްޓޫބަރު 2024 ގައި މި ފްރޭމްވޯކްގެ ދަށުން ރާއްޖެއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ މުއްދަތު 23 އޭޕްރީލް 2026 އަށް ހަމަވުމާ ގުޅިގެން، އެ ފައިސާ މިހާރު ވަނީ ދައްކާ ހަލާސްކޮށްފައެވެ. 2024 އިން 2027 އަށް އެކުލަވާލާފައިވާ މި އާ ފްރޭމްވޯކްގެ ދަށުން މިހާރު ދޫކުރެވޭ ރޫޕީ ސްވޮޕް ފެސިލިޓީއަކީ އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބަލާއިރު ގިނަ ލުއިތަކެއް އެކުލެވޭ ފެސިލިޓީއެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރި ފަހުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވޮޕް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމެއްގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކެއް އިންޑިއާއިން މިދިޔަ އަހަރު ރޯލް-އޯވަރ ކޮށްދީފައިވާކަންވެސް ހައިކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ.
އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި 'ވިޜަން މަހާސާގަރު' ގެ ދަށުން ރާއްޖެއަކީ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާއިން ދެކެއެވެ. އެ ގައުމުން ބުނެފައިވަނީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.






ރިއެކްޓް