ސިޔާސީ , ޚަބަރު

އެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

23 އޭޕްރީލް 2026 - 19:23
އެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު މި މަގާމަށް ވަޒީރު ޒަމީރު އައްޔަންކުރެއްވުމާ ގުޅިގެން، އެލްޖީއޭގެ ފަރާތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. މޫސާ ޒަމީރަކީ މިހާރުގެ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ.

އެލްޖީއޭގެ ބޯޑަކީ ރައީސާއި، ނައިބު ރައީސް އަދި ސީއީއޯ ހިމެނޭ ގޮތަށް ޖުމްލަ އަށް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މިވަގުތު އެލްޖީއޭގެ ނައިބު ރައީސަކަށް ހުންނެވީ ފާތިމަތު ނިއުމާ އެވެ. އަދި ސީއީއޯގެ މަގާމުގައި ހުންނެވީ މުހައްމަދު ނިމާލް އެވެ.

މީގެ އިތުރުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު، އަޒްހާ ސަމީރު، މުހައްމަދު ޝިޔާމް އަދި އިސްމާއީލް ރަފީގު އެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، އެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މުއައްސަސާއެކެވެ.

މި މުވައްސަސާގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0