ޚަބަރު , ސިޔާސީ

ހަ މަސްތެރޭ ނިންމަން ބުނި ރަސްމާލޭގެ ހިއްކުނީ 50 އިންސައްތަ

23 އޭޕްރީލް 2026 - 16:57
ހަ މަސްތެރޭ ނިންމަން ބުނި ރަސްމާލޭގެ ހިއްކުނީ 50 އިންސައްތަ

ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކިފައިވަނީ ބިން ހިއްކުމުގެ މަސައްކަތުގެ އެންމެ 50 އިންސައްތަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މިހާތަނަށް ހިއްކިފައިވަނީ ގާތްގަނޑަކަށް 504 ހެކްޓަރުގެ ބިމެވެ. "އެއީ ގާތްގަނޑަކަށް 504 ހެކްޓަރު. ނިސްބަތުން ބަލާ ކަމަށް ވަންޏާ ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފައި އެ އޮތީ. ބާކީ ބައި އިރާދަކުރެއްވިއްޔާމުން ހިއްކުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

 އެޗްޑީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރޫއު ލަސްވާން ދިމާވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާއި، އިމާރާތްކުރުމުގެ ސާމާނު ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން މަޝްރޫއުގެ ޓައިމްލައިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ގޯއްޗަށް އެދޭ މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް ނިމޭއިރު ބިން ހިއްކުމުގެ މަސައްކަތް ނިމިފައި އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ދޫކުރުމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ފްލެޓް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0