ޗެއާޕާސަން އިންތިހާބާ ދިމާކޮށް 4،868 މީހުން އެމްޑީޕީއާ ގުޅިއްޖެ
އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް، އެ ޕާޓީއަށް މެމްބަރުން ވެއްދުމަށް ހުޅުވާލި ފުރުސަތުގައި 4،868 މީހުން އަލަށް ގުޅިފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި މެމްބަރުން އިތުރުކުރުމުގެ ސުންގަޑި ރޭ މެންދަމު 12:00 އަށް ހަމަވިއިރު، އަލަށް ގުޅުނު މެމްބަރުންނާއެކު އެ ޕާޓީގެ މެމްބަޝިޕްގެ ޖުމްލަ އަދަދު މިހާރު ވަނީ 50,594 އަށް އަރާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީވެފައި ތިބީ 43،784 މީހުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވާ ބުދަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ.
މި މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ތިން ބޭފުޅަކު ވަނީ ފާޅުކުރައްވާފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރާ ފެކްޝަނުން ތާއީދު ކުރައްވަނީ މީކާއިލް އަހުމަދު ނަސީމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިހާރު ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު، އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި މިހާރު އޮތީ 74،048 މެމްބަރުންނާއެކު ޕީއެންސީއެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް އިންތިހާބާއެކު ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށެވެ.






ރިއެކްޓް