ގަނާކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި
ގަނާކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު އިހުސާން ވިދާޅުވީ ގާނާކުރުމާއި އިޖުތިމާއީ އާންމު މިންގަނޑާއި ހިލާފު އެނޫން ވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި މީހުންގެ ފުރާނައަށް ނުރައްކާވެދާ މިފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަޝްވަރާކުރައްވަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މީހުންގެ ފުރާނައަށް ނުރައްކާވެދާ މިފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި އަޅުގަނޑުމެން މި ގެންދަނީ މަސައްކަތް ކުރަމުން،" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވެދާ ހާލަތަށް ބައެއް ކަންތައްތައް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ޖިނާޢީ ފިޔަވަޅު އެޅޭނެ ގޮތްތައް ހަމަޖެހުމުން، އެކަންކަން ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލް މާހައުލާއި މަސައްކަތުގެ މާހައުލުގައި ގަނާކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ގަނާކުރުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔެއިން ވަކިވެގެންދާ މީހުންގެ މައްސަލަތައް ވެސް ދަނީ ގިނަވަމުންނެވެ.






ރިއެކްޓް