ސިޔާސީ , ޚަބަރު

މެންބަރު ނާޒިމްގެ އެއްވެސް މައްސަލައެއްް ނުބަލަން: އިހުސާން

23 އޭޕްރީލް 2026 - 11:38
މެންބަރު ނާޒިމްގެ އެއްވެސް މައްސަލައެއްް ނުބަލަން: އިހުސާން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ހޯމްލޭންޑް ސިކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނާޒިމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށް ފެތުރެމުންދާ އަޑުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިހުސާން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ކަމަށެވެ.

"ތިޔަ މައުލޫމާތު ދެއްވާ ފަރާތް ބަދަލުކުރަން ޖެހޭ. ރަނގަޅު މައުލޫމާތެއް ނޫން އެދެނީ އިނގޭތޯ. ރަނގަޅު މައުލޫމާތުދޭ ފަރާތްތައް ހޯދަންޖެހޭ. އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީއެންސީގެ މެންބަރު ނާޒިމްގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ ކަމުގެ އަޑުތައް ފެތުރެން ފެށީ، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު އޭނާ ވަކިކުރުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މިވަނީ އެފަދަ އެއްވެސް ކަމެއް ހިނގަމުން ނުދާކަން ކަށަވަރުކޮށްދީފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0