ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި
ޖިނާއީ މައްސަލަތައް ބެލުން އެހެން ފަނޑިޔާރުންނާ ހަވާލު ކުރެވޭ އުސޫލަށް ސުޕްރީމް ކޯޓުން މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.
ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮތްގޮތުން، އެހެން ފަނޑިޔާރަކާ ޖިނާއީ މައްސަލައެއް ހަވާލު ކުރެވެނީ ވަރަށް މަދު ހާލަތްތަކެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރުން، މަގާމުން ވަކިކުރުން، މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވުން ނުވަތަ އެ މައްސަލައެއް ބެލުމުން ފަނޑިޔާރަކު ތަނާޒުލްވާން ޖެހުން ފަދަ ހާލަތްތަކެވެ. ނަމަވެސް، މިއަދު ގެނައި އާ އިސްލާހާއެކު އެ އުސޫލަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.
އާ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރަކު ދެ މަހަށް ވުރެ ދިގު މުއްދަތަކަށް ސަސްޕެންޑްކޮށްފި ނަމަ، ނުވަތަ ދިގު ޗުއްޓީއަކަށް ގޮސްފި ނަމަ، އަދި ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމަކަށް ފަނޑިޔާރު ވީއްލާފައިވާ ހާލަތްތަކުގައިވެސް އެހެން ފަނޑިޔާރަކާ މައްސަލަތައް ހަވާލު ކުރެވިދާނެއެވެ.
މީގެ އިތުރުން، އެއް ހާދިސާއަކާ ގުޅިގެން ހުށަހެޅޭ އަދި އެއް ހެކިންތަކެއް ހިމެނޭ މައްސަލަތައް ދެ ފަނޑިޔާރަކު ނުވަތަ ދެ ބެންޗަކުން ބަލާ ހާލަތްތަކުގައާއި، ޝަރުއީ ވަފުދަކުން މައްސަލަ ބަލާ ހާލަތުގައިވެސް އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެވިދާނެ ކަމަށް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުން ބަދަލުކުރަންޖެހޭ އެފަދަ ހާލަތްތަކުގައި އެކަމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ އިސް މެޖިސްޓްރޭޓެވެ. މި ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް