ޕީސީބީން ޒިންމާ އަދާކުރޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެ ބޯޑުގެ ޒިންމާތައް އަދާކުރަމުންދޭތޯ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައެވެ.
ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ އަދި އަހަރީ ރިޕޯޓުތައް އާންމުކުރުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމި، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާ ހިނގަމުންދާއިރު ވެސް، ޕީސީބީން އެންމެ ފަހުން ނެރެފައިވަނީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
"މި ރިޕޯޓުތައް ޝާއިއު ކުރުމުގައި 12 މަސް ނުވަތަ އެއް އަހަރުގެ ހުސްކަމެއް އައުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ލިބެމުން ނުދެއެވެ،" މެންބަރުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ކުންފުނިތައް ޒިންމާދާރުކުރުވުމަށް ހުރަސް އެޅި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނުބަލާ ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ.
ރިޕޯޓުތައް އާންމުކުރުން ލަސްވާ ކުންފުނިތަކުގެ ތެރޭގައި ވެމްކޯ، ބީސީސީ، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް، އެމްއެފްއޯއާރްއެމްޕީސީ އަދި ސްޓެލްކޯ ހިމެނޭކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޕީސީބީގެ ބޯޑު ބައްދަލުވުންތަކުގެ ހާޒިރީ ދަށްވުމުގެ މައްސަލަ ވެސް ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު ބޭއްވުމަށް މަސައްކަތްކުރި 31 ބައްދަލުވުމުގެ ތެރެއިން 15 ބައްދަލުވުމެއް ކޯރަމް ހަމަނުވުމުގެ ސަބަބުން ނުބޭއްވި ދިޔަކަން ވަނީ ފާހަނގަ ކޮށްފައެވެ.
މި މައްސަލަތަކަކީ މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަންކަން ކަމަށް ދެކޭތީ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް މިކަން ބަލައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.






ރިއެކްޓް