ސިޔާސީ , ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

22 އޭޕްރީލް 2026 - 16:20
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް އިދާރީ މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި އިންތިހާބަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މެއި 2 ގެ 2:00 އާ ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އޭޕްރިލް 22 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.

މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ ޝަރުތުތަކެވެ.

މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު އެމްޑީޕީން އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ހިމެނެއެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލިއިރު، އެ މަގާމަށް ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ވާ ބުދަ ދުވަހުގެ 14:30 އިން ރޭގަނޑު 20:00 އާ ދެމެދު ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0