ޚަބަރު , ސިޔާސީ

ސާވިސް ޗާޖު ޑޮލަރުން ދޭން ލާޒިމްކުރާ އިސްލާހު ބަލައިގެންފި

22 އޭޕްރީލް 2026 - 14:03
ސާވިސް ޗާޖު ޑޮލަރުން ދޭން ލާޒިމްކުރާ އިސްލާހު ބަލައިގެންފި
ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖު، ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރުކުރުން ހުއްޓުވައި، އެ ފައިސާ ޑޮލަރުން ދޭން ލާޒިމްކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 67 މެންބަރުންގެ ވޯޓާ އެކު އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ ރައީސް މައުރޫފް ޒާކިރު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ސާވިސް ޗާޖު ސީދާ ޑޮލަރުން ދޭން މިހާރުގެ ގާނޫނު ލާޒިމް ނުކުރާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދައިދިނުމެވެ. މި ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ހުށަހެޅި މި އިސްލާހުގައި ބުނެފައިވަނީ، ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ އެ ފައިސާއެއް ލިބުނު ބާވަތަކުން ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފަކީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް، ސާވިސް ޗާޖު ދިނުމުގައި އެފަދަ މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅުން މި އިސްލާހުން މަނާކުރެ އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ކޮންމެ ހިދުމަތަކުން %10 އަށް ވުރެ މަދު ނޫން އަދަދަކަށް ސާވިސް ޗާޖު ނަގަން ޖެހެ އެވެ. އަދި އޭގެ ތެރެއިން %1 އިދާރީ ފީގެ ގޮތުގައި ކަނޑައި، ބާކީ ބައި މުވައްޒަފުންނަށް ހަމަހަމައަށް ބަހަން ޖެހުނު ނަމަވެސް، އެ ފައިސާ ލިބުނު ފައިސާއަކުން ނުވަތަ ޑޮލަރުން ދޭން މިހާތަނަށް ލާޒިމެއް ނޫނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0