ޚަބަރު , ސިޔާސީ

ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ވަކި ކޮޅެއް ނުނަގާނަން: ޝާހިދު

22 އޭޕްރީލް 2026 - 10:52
ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން ވަކި ކޮޅެއް ނުނަގާނަން: ޝާހިދު
ފޮޓޯ: ވިރާސީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކޮޅަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށެވެ. އަދި ކުރިއަށް އޮތް ދާއިރާތަކާއި އެކި މަޤާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން،" ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އުފާވެރިކަން ހޯދާ ޕާޓީއެއް ކަމަށެވެ.

މީގެއިތުރުން، ޝާހިދު ވަނީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. މި އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީއިން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0