ޚަބަރު

އެމްޕީއެލްގެ އެމްޑީއަކަށް މިނިސްޓަރު ޝަފީއުގެ ބޭބެ!

22 އޭޕްރީލް 2026 - 10:29
އެމްޕީއެލްގެ އެމްޑީއަކަށް މިނިސްޓަރު ޝަފީއުގެ ބޭބެ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އެޑިޔުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއުގެ އެއްބަޑު އެއްބަފާ ބޭބެ، ހުސެއިން ޝަފީގް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދަފްތަރު ނަންބަރ ރސ 2861، ހުސެއިން ޝަފީގް އެމްޕީއެލްގެ އެންމެ އިސްވެރިޔާގެ މަގާމަށް އައްޔަންކުރީ މިއަދުން ފެށިގެން ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި 'ވިރާސީ' އާ ވާހަކަދެއްކި އެސްޓީއޯގެ އިސް އޮފިޝަލަކު ބުނިގޮތުގައި، ޝަފީގަކީ އެސްޓީއޯގެ ބޯޓެއްގެ ކެޕްޓަނެއްކަމަށާއި، އެސްޓީއޯގެ ވަޒީފާއިން އަދި ވަކިވެފައި ނުވާ ކަމަށެވެ. އަދި ޝަފީގް ބޯޓުން ފައިބައިފާ ވަނީ ދެ ދުވަސް ކުރިންކަމަށް އެ މީހާ 'ވިރާސީ' އަށް މައުލޫމާތުދިނެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން ވަކިކޮށްފައިވަނީ މި ހިނގާ މަހުގެ 7 ވަނަ ދުވަހު އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ގިނަ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން މަގާމުތަކުން ވަނީ ވަކިކޮށްފަ އެވެ.

ނަމަވެސް މިނިސްޓަރ ޝަފީއު އަދި ރައީސް މުއިއްޒުގެ ގާތް ރަހުމަތްތެރިން މަގާމުން ވަކިކޮށްފައެއް ނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0