ޚަބަރު , ސިޔާސީ

ނަޝީދު މުއިއްޒަށް: މަޝްވަރާގެ މޭޒަށް އަންނަންދެން އިހުތިޖާޖު ކުރާނަން

Nasheed Muizzuah: Mashvaraage Meyzah Annandhen Ihuthijaaju Kuraanan

21 އޭޕްރީލް 2026 - 22:21
ނަޝީދު މުއިއްޒަށް: މަޝްވަރާގެ މޭޒަށް އަންނަންދެން އިހުތިޖާޖު ކުރާނަން
މިރޭގެ އިހުތިޖާޖުގައި ރައީސް ނަޝީދު ވާހަކަދައްކަނީ. ފޮޓޯ: ވިރާސީ

ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަންދެން، އިހުތިޖާޖު ކުރުމުގައި ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ފަށާފައިވާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން އަށްވަނަ ރޭގެ އިހުތިޖާޖު ފެށުމުގެ ކުރިން ދަނޑިކޮށީ ހަރުގެ ކުރިމަތީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން ކަމަށާއި، އެއީ އެންމެންގެ ޒިންމާއެއް ކަމަށެވެ. "އެނގިވަޑައިގަންނަވާނެ ރައީސް މުއިއްޒަށް އެ ވަނީ ރައްޔިތުންގެ އިތުބާރު އެކަށް ގެއްލިފައި،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ދުނިޔޭގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އިރާން ހަނގުރާމައާ އެކު ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގު އުފުލެމުންދާ މިންވަރު ދިވެހިންނަށް އިހުސާސްވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ އޮނިގަނޑަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރެފަރެންޑަމްގެ ނަތީޖާއިން ސާފުވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ލީޑަރުން އެމީހުންގެ ގާތަށް ދިއުމަށް ކަމަށެވެ.

"ގާނޫނުއަސާސީއަށް މި ސިފަތައް އަންނާން އެބަ ޖެހޭ، ރާއްޖޭގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާން އެބަ ޖެހޭ. ސަރުކާރަށާއި ރައީސް މުއިއްޒުއަށް އަޅުގަނޑު މި ގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް، މަޝްވަރާ ފަށްޓަވާށޭ،" ނަޝީދު ވިދާޅުވި އެވެ.

މަޝްވަރާއަށް ނާންނަ ނަމަ މަގުމަތީގައި ދެމިތިބޭނެ ކަމުގެ އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ވެސް މި ހަރަކާތް ފުޅާކުރާނެ ކަމަށެވެ.

މިއީ ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ނަޝީދު ގޮވާލި ތިންވަނަ ފަހަރެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިދިކޮޅާ އެކު މަޝްވަރާއަށް ވަޑައިގަތުމަށް އިންކާރު ކުރައްވާފަ އެވެ.

ރައީސް މުއިއްޒު އިއްޔެ ވިރާސީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ.

"ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0