ސިޔާސީ , ޚަބަރު

ޑީފޯލްޓް ވެދާނެ ކަމުގެ ބިރު އެބައޮތް، މަޝްވަރާއަށް ވަޑައިގަންނަވާ: ނަޝީދު

21 އޭޕްރީލް 2026 - 12:57
ޑީފޯލްޓް ވެދާނެ ކަމުގެ ބިރު އެބައޮތް، މަޝްވަރާއަށް ވަޑައިގަންނަވާ: ނަޝީދު

ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެނައުމަށް ހުށަހަޅާފައިވާ 'ބޮޑު ބަދަލު'އާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ގޮވާލައްވައިފި އެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު މި ދައުވަތު ދެއްވީ، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު އެ މަޝްވަރާތަކަށް އިންކާރު ކުރައްވާފައި ވަނިކޮށެވެ. "ވިރާސީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ނަޝީދުގެ ހުށަހެޅުމުގައި ހުރި ކަންކަމަކީ ރައްޔިތުން އެ މަނިކުފާނަށް ދިން މެންޑޭޓުގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ.

ނަޝީދު މިފަހަރުގެ ގޮވާލުން ބިނާކުރެއްވީ އިންޑިއާގެ މަރުކަޒީ ބޭންކް (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދައްކަން ޖެހޭ މުއްދަތު ހަމަވާތީ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއިން މި ފައިސާ ދެއްކުން ފަސްކޮށްދީފައިވީ ނަމަވެސް، ތިންވަނަ ފަހަރަށް އެ ފުރުސަތު ލިބުމަކީ އެ ގައުމުގެ ގަވާއިދުތައް ތަންދޭ ކަމެއް ނޫނެވެ.

"ރާއްޖޭގެ ޑޮލަރުގެ ރިޒާވް މިހާރު ނެތް. ރާއްޖެ ޑީފޯލްޓްވެއްޖެ ނަމަ، މުޅި މާލީ ނިޒާމަށް އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކަތަކަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބަސްވެގެން ދެކެވޭ ވާހަކަތަކަކަށް ވެއްޖެ ނަމަ، ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހަޅުއްވާ 'ބޮޑު ބަދަލު' ގެ ތެރޭގައި ސަރުކާރުގެ މަތީ ވެރިޔާ އާއި ދައުލަތުގެ މަތީ ވެރިޔާ ދެ މަގާމަކަށް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ ރުހުން ހޯދުން ފަދަ މުހިންމު އިސްލާހުތަކެއް ވަނީ ހުށަހަޅާފަ އެވެ.

މި ހުށަހެޅުންތަކާ ގުޅޭގޮތުން ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ސަރުކާރުން މިކަމަށް ދީފައިވަނީ ނޭދެވޭ ޖަވާބެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0