އިސްލާޙުތަކަކުން ގާނޫނުއަސާސީއަށް ބޮޑުބަދަލެއް ގެނައުން ރަނގަޅެއް ނޫން: ޑރ. ޑީޑީ
ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބޮޑެތި ބަދަލުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތަކަކުން ކުރުން މުނާސިބު ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވީ "ބޮޑުބަދަލު" ގެ ގޮތުގައި ފައްޔާޒާއި ރައީސް ނަޝީދު ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މި ފެނިގެންދަނީ މިހާރުގެ ސަރުކާރުން ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށް ވެރިކަމުގައި ދެމިތިބުމަށް ގާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރަމުން އައި މަސައްކަތް، އިދިކޮޅު ފެކްޝަނަކުން އެހެން ސިފައެއްގައި ވެރިކަމަށް އައުމަށްޓަކައި ހީލަތްތެރިކަމާއެކު ފަށާފައިވާ މަންޒަރުކަމަށެވެ.
ފައްޔާޒާއި ރައީސް ނަޝީދުގެ ފެކްޝަނުން ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ ބަރުލަމާނީ ސިފަތައް އެކުލެވޭ ނިޒާމަކަށް ވެރިކަން ބަދަލުކުރުން ކަމަށްވާއިރު، ޑރ. ދީދީ ވިދާޅުވީ ގާނޫނުއަސާސީއަށް މިފަދަ ޖައުހަރީ ބަދަލެއް ގެންނަން ބޭނުންވާނަމަ، އެކަން ކުރަންޖެހޭނީ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
"ގާނޫނުއަސާސީއަށް މިފަދަ ބޮޑު ޖައުހަރީ ބަދަލެއް ގެނައުމަށް ރައްޔިތުން ބޭނުންވާނަމަ، ގާނޫނުއަސާސީއެއް އެކުލަވާލުމަށް ރައްޔިތުން އިންތިޚާބުކުރާ 'ތައުސީސީ' މަޖިލީހަކުން ނުވަތަ 'ކޮންސްޓިޓުއެންޓް އެސެމްބްލީ' އަކުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މަޝްވަރާކުރެވިގެން މުޅި ދިވެހި އުއްމަތް ތަމްސީލުކުރާ އައު ގާނޫނުއަސާސީއެއް އެކުލަވައިލެވިދާނެ،" ޑރ. ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ އެއްވެސް ހާލެއްގައި އަވަސްއަރުވައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތަކަކުން މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ އެކަން ކުރަން އެންމެ މުނާސިބު ގޮތް ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.






ރިއެކްޓް