ސިޔާސީ , ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމުން އަމްޖަދު އިސްތިއުފާ ދެއްވައިފި

20 އޭޕްރީލް 2026 - 16:28
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމުން އަމްޖަދު އިސްތިއުފާ ދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަމްޖަދު އިސްތިއުފާ ދެއްވުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސްނީ މުބާރިކަށް ފޮނުއްވި ސިޓީގައި، މަގާމުން ވަކިވެވަޑައިގަންނަވާ ވަކި ސަބަބެއް ބަޔާންކުރައްވާފައި ނުވާކަން ވަނީ އެނގިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމްޖަދު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އޭނާ އައްޔަންކުރީ، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން މާކްސް ލިބިވަޑައިގަތުމާ ގުޅިގެންނެވެ.

އަމްޖަދުގެ ކުރިން އެ މަގާމުގައި ހުންނެވީ އައިޝަތު ރިޒްނާއެވެ. ރިޒްނާ ސެޕްޓެމްބަރު 2024 ގައި މަގާމުން އިސްތިއުފާ ދެއްވީ "ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތްކަމަށް" ވިދާޅުވުމަށްފަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0