މި ސަރުކާރުން ގާނޫނުއަސާސީ އަށް އިތުރު އިސްލާހެއް ނުގެންނާނެ: ރައީސް
އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލައި، ގާނޫނުއަސާސީ އަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ރުހޭ ކަމެއް ނޫން ކަން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ވޯޓުން ސާފުވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ވަނީ ވަރަށް ބޮޑު މެސެޖެއް ދީފަ އެވެ. "އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މި ވަނީ. އެއީ، ގާނޫނުއަސާސީ އަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން، އެހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫން ކަން،" ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ގެންނަން ގަސްދު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ރައީސް ކުރިން އިއުލާންކުރައްވާފައިވާ ބައެއް ގާނޫނީ އިސްލާހުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމާއި، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ 69 އިންސައްތަ މީހުން ވަނީ އެ ބަދަލާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ ޖުމްލަ 148,859 މީހުންނެވެ. އެ ބަދަލު ގެންނަން ފެންނަ ކަމަށް ވޯޓު ދިނީ 67,680 މީހުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕެއިން ޓީމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ކަމަށެވެ. މި ވޯޓަކީ ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.






ރިއެކްޓް