އެމްޑީޕީއާ މަޝްވަރާކުރުމަކީ މެންޑޭޓުން ބޭރު ކަމެއް: ރައީސް މުއިއްޒު
އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރައްވާފައިވާ މެންޑޭޓެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯއާއި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުން ކަމަށެވެ. އެހެންކަމުން، އެމްޑީޕީއާ މަޝްވަރާ ކުރުމުގެ ބަދަލުގައި އެމަނިކުފާނު އިސްކަން ދެއްވާނީ ރައްޔިތުން ހަވާލުކުރި މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ، އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް ބޭއްވި 'ބޮޑު ބަދަލު' ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މަޝްވަރާގެ މޭޒަށް ވަޑައިނުގެން ކަންކަން އިސްލާހު ނުވާނަމަ، މަގުމައްޗަށް ނިކުމެ އަޑުއުފުލައިގެންވެސް އެކަންކަން ކުރައްވާނެ ކަމަށެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އެ ގޮވާލުމަށް ރައީސް މުއިއްޒު މިއަދު ވަނީ ނުސީދާކޮށް ދެކޮޅު ހައްދަވާފަ އެވެ. ރައީސް ވިދާޅުވީ "އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި މަސައްކަތައިން ކުރިއަށް" ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމުގައި ރައީސް ތަކުރާރު ކުރެއްވި އެވެ.






ރިއެކްޓް