ހިތަދޫ އުތުރު ގޮނޑީގެ އެމްޑީޕީ ޓިކެޓު ސޯބެއަށް، ޕީއެންސީ ޕްރައިމަރީއަކަށް
ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ހަމަޖައްސައިފިއެވެ. ހަމައެއާއެކު، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
އެމްޑީޕީން ބުނި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ ހަމައެކަނި އަބްދުﷲ ސޯދިގު އެކަންޏެވެ. އެހެންކަމުން، ޕްރައިމަރީއަކާ ނުލައި އެ ދާއިރާގެ އެމްޑީޕީ ޓިކެޓު އޭނާއަށް ވަނީ ކަށަވަރުވެފައެވެ. ސޯދިގަކީ 10 އަހަރު ވަންދެން އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވުމުގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، ޕީއެންސީގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ އޮތް މައްސަލައެއްގައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.
ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ ގޮނޑި ގެއްލުނު މުހައްމަދު ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި މި ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި ޕްރައިމަރީގެ ވޯޓުލުން ހިތަދޫ އުތުރު ދާއިރާގެ އިތުރުން މާލޭގައި ވެސް ކުރިއަށްދާނެއެވެ. ޕީއެންސީން ބުނީ ޕްރައިމަރީގެ އެންމެހާ އިންތިޒާމުތައް ބަލަހައްޓާނީ އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ކަމަށާއި، އަމަލުކުރަންޖެހޭ އުސޫލުތައް ކޮމިޓީން އިއުލާން ކުރާނެ ކަމަށެވެ.






ރިއެކްޓް