ފަޔާގެ ތާއީދާއި އެކު ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަނީ
އެމްޑީޕީގެ ކުރިޔަށް އޮތް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިކަން އިއުލާންކުރެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ގުޅިގެން 'ބޮޑު ބަދަލު' ގެ ނަމުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ފައްޔާޒް އިސްމާއިލްވެސް ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތަށާއި ސަރުކާރު ހިންގުމަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށް އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ވަރުގަދަވާން ޖެހޭނެ ކަމަށާއި، މި ހާލަތުގައި އެމްޑީޕީގެ ޗެއާޕާސަންކަން ކުރެވޭނީ އެ ބޭފުޅާއަށްކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"އަޅުގަނޑު ކުރިމަތިލައިން މިހުރީ އަޅުގަނޑު ދެކޭގޮތުގައި މިކަން ކުރެވޭނީ އަޅުގަނޑު މިތާ ކުރިމައްޗަށް ނިކުމެގެން، އެކަން އަޅުގަނޑުގެ ހިތަށް ގަބޫލުކުރެވިގެން އަޅުގަނޑު އެފްރިކާގަ ހުރެ އައިސް، އަަޅުގަނޑު އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށް.." ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވަމުން ފައްޔާޒު ވިދާޅުވީ ޕާޓީ ތެރޭގައި ހުރި ނުތަނަވަސްކަމާއި އެއްކޮށް ޕާޓީ ކުރިއަށް ގެންދެވޭނެފަދަ ބޭފުޅެއް މިހާރު ބޭނުންވާ ކަމަށާއި، އެ ބޭފުޅާއަކީ މިހާރު ރައީސް ނަޝީދުކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރިއަށް އޮތް 7 ދުވަސްތެރޭ އިއުލާންކުރާނެކަމަށް މައުލޫމާތު ލިބެ އެވެ. ރައީސް ނަޝީދުގެ އިތުރުން މި މަގާމަށް ކުރިމަތިލާނެކަމަށް ދެން އިއުލާން ކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމެވެ.






ރިއެކްޓް