ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް 16 އަހަރަށް ޖަލަށް
ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރި، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 15 ވަނަ ދުވަހު މުޙައްމަދު އަނިލްގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު އަނިލް 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަނިލް، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






ރިއެކްޓް