ސަރުކާރަށް ތިން އަހަރު ފަހުން ގާބިލު މީހުންނަށް ވަޒީފާދޭން އަންގައިފި
ސަރުކާރުގެ ކުންފުނިތަކަށް ތައުލީމީ ގޮތުން ގާބިލު މީހުން އައްޔަންކުރުމަށް، ސަރުކާރަށް ތިން އަހަރު ފުރުނު ފަހުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އަންގައިފިއެވެ. މި އެންގުން އަންގާފައިވަނީ ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސް މުޙައްމަދު އަނަސް އަށް މިއަދު ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ފެށުނީއްސުރެ ސިޔާސީ މަގާމުތައް ގިނަވުމާއި، ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައިގައި އިގުތިސާދީ ތަޛުރިބާކާރުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މިހާ ދުވަސްވީއިރުވެސް ސަރުކާރުން މިކަމަށް އެދެވޭ ހައްލެއް ގެނެސްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިއަދު ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމުމާ ގުޅިގެން، މިއީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުން ކުޑަކުރުމަށް ކުރި ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ. ޚާއްޞަކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުން މި މައްސަލައިގައި އަޑުއުފުލަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް ސަރުކާރުން އޮތީ މިކަމަށް ބީރު ކަންފަތެއް ދީގެން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މި ބަދަލަކީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ. އެ އިންތިހާބުތަކުން ސަރުކާރު ބޮޑުތަނުން ބަލިވުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު ނެތްކަން ވަނީ ހާމަވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ނިންމުން އައިސްފައިވަނީ އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، 10 މިނިސްޓަރަކު މަގާމުން ވަކިކުރައްވައި ބައެއް މިނިސްޓްރީތައް އުވާލާފައި ވަނިކޮށެވެ. މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތެއް ކަމަށް ސަރުކާރުން ދެއްކި ނަމަވެސް، އާންމުން ދެކޭގޮތުގައި މިއީ ސިޔާސީ މަގްސަދެއްގައި ކުއްލިއަކަށް އެޅި ފިޔަވަޅެކެވެ.
މިގޮތުން 500 އެއްހާ ސިޔާސީ މުއައްޒަފުން ވަކި ކުރާ ވާހަކަ ސޯޝަލް މީޑިއާއަށް ތިލަވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީއިން މިއަދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 މުވައްޒިފުން ވަކިކުރަންވެސް ޕީސީބީއަށް އަންގާފައެވެ.






ރިއެކްޓް