ސިޔާސީ , ޚަބަރު

ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފި

18 އޭޕްރީލް 2026 - 17:43
ޕީއެންސީގެ އެސްޖީގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒް ހަލީމް މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ ޕީއެންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މުއާޒް އިތުރަށް ވިދާޅުވީ، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލަދުވެތި ބައްޔެއް ކުރިމަތިލާން ޖެހުމާއި އެކު ރައީސް މުއިއްޒު އަންނަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކަށް ގިނަ ބަދަލުތަކެއް ގެންނަވަމުންނެވެ.

މިގޮތުން ސަރުކާރުގެ 10 މިނިސްޓަރުން ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދީފަ އެވެ. އަދި 500 އެއްހާ ސިޔާސީ މުއައްޒަފުން ވަކި ކުރާ ވާހަކަ މީޑިއާއަށް ތިލަވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީއިން މިއަދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން %33 މުވައްޒިފުން ވަކިކުރަން ޕީސީބީއަށް އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0