މާވަށު ފެނަކަ މުވައްޒަފުން ވޯޓުލާން ނުފޮނުވާ ސްޓޭޝަންގައި ހިފަހައްޓަނީ
ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު، އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވޯޓުލާން ނުފޮނުވާ ސްޓޭޝަންގައި ހިފަހައްޓާފަ ތިބި ކަމުގެ ސީރިއަސް ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.
"ވިރާސީ" އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ، މާވަށު ފެނަކަ ބްރާންޗުގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން މިހާރު ތިބީ ސްޓޭޝަނަށް ގެންގޮސް ހިފަހައްޓައިފައެވެ. އަދި އެ މުވައްޒަފުންގެ ފޯނުތައްވެސް އަތުލާފައިވާތީ، އެތަނުގައި ތިބި މީހުންގެ ސީދާ އަދަދެއް، ތިބި ހާލަތެއް ނޭގެއެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތްވެސް އެ ޕާޓީން ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި ބައި-އިލެކްޝަނަކީ ވަރަށް ވާދަވެރިކޮށް ކުރިއަށްދާ އިންތިޚާބެކެވެ. މި އިންތިޚާބުގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ ފަރާތުން މަރިޔަމް މާއިޝާ އެވެ.
މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މި ގޮނޑިއަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 1002 މީހުންނަށް ލިބިގެންވެއެވެ.






ރިއެކްޓް