ސިޔާސީ , ޚަބަރު

ސިޔާސީ މުވައްޒަފުން ވަކިކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

17 އޭޕްރީލް 2026 - 21:06
ސިޔާސީ މުވައްޒަފުން ވަކިކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ސަރުކާރުގެ އެކި މިނިސްޓްރީތަކުން 500 ސިޔާސީ މުވައްޒަފަކު ވަކިކުރަން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުގެ ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.

"އެމްއެމްޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ އެނުއަލް އެސެސްމެންޓް ހެދުމަކީ މިހާރުގެ ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ އާންމު ކަމެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީވެސް އެ އުސޫލުގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ބެލެނެވެރި ފަރާތްތައް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން، މި އެސެސްމަންޓްގެ ބޭނުމަކީ މުވައްޒަފުންނަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އޮފީސްތަކަށް އެ މުވައްޒަފުން ބަދަލުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ މާލީ ސިޔާސަތެއް ތަންފީޒުކުރުމުގެ ގޮތުން ކުރާ ކަމެއް ނޫންކަން މުންދު ސާފުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެވޭނެ ގޮތްތައް ބަލައި، އިދާރީ ހިންގުން ހަރުދަނާކުރުން ކަމަށެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0