ސީވީއެފްގެ ދައުރު ފުރިހަމަކުރައްވައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން، ތިމާވެށީގެ މަސައްކަތްތަކަށް ހާއްސަ މި ޖަމިއްޔާ ހިންގެވުމާ ނަޝީދު ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓާ ގާނާއަށް ރައީސް ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ގާނާގައި ދިރިއުޅުއްވަމުން ގެންދެވިއިރު ވެސް ނަޝީދު ގެންދެވީ ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ ސިޔާސީ މަސައްކަތްތަކަށް އެނބުރި ވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން ތައްޔާރު ވެލައްވާ" މިފަދައިންނެވެ. މިއީ ކުރިއަށް އޮތް ތަނުގައި އެމަނިކުފާނު ސިޔާސީ ގޮތުން އިސް ދައުރެއް އަދާކުރައްވާނެ ކަމުގެ ހެއްކެކެވެ.
ނަޝީދު ސިޔާސީ މަސައްކަތަށް އެނބުރި ވަޑައިގެންނެވިއިރު، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން އެމަނިކުފާނަށް ޖާގަ ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ވަނީ ފާސްކޮށްފައެވެ. މި އިސްލާހުގެ ދަށުން ކުރީގެ ރައީސުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފުރުސަތު ލިބިގެންދާނެއެވެ. މި ނިންމުން ރަސްމީކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އެ ޕާޓީން ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްއެއްގައެވެ.
އެމްޑީޕީ ހިންގަން އެކުލަވާލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1. ކުރީގެ ރައީސް މުހައްމަދު ނަޝީދު
2. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
3. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
6. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)އެވެ.
މީގެ އިތުރުން، އެމްޑީޕީގެ ހިންގުމާ ގުޅޭ ކަންތައްތަކުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ވަގުތީ ކޮމިޓީއެއް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށްފައެވެ. މި ކޮމިޓީގައި ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ.






ރިއެކްޓް