ޚަބަރު

އުންމަތުގައި ފަޤީރުކަން އޮތުމުގެ އަސްލު މައްސަލައަކީ ޒަކާތް އަދާނުކުރުން: ހުތުބާ

17 އޭޕްރީލް 2026 - 14:57
އުންމަތުގައި ފަޤީރުކަން އޮތުމުގެ އަސްލު މައްސަލައަކީ ޒަކާތް އަދާނުކުރުން: ހުތުބާ

މުސްލިމް އުންމަތުގައި ފަޤީރުކަން އޮތުމުގެ އަސްލު މައްސަލައަކީ ވަސީލަތްތައް ނެތުން ނޫން ކަމަށާއި، އެއީ ޒަކާތް އަދާނުކުރުމުގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގާއި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރެވެ.

މުދަލު ޒަކާތަކީ ހަމައެކަނި ދެވޭ ޞަދަޤާތެއް ނޫން ކަމަށާއި، އެއީ އިސްލާމްދީނުގެ ފަރުޟު ކުރައްވާފައިވާ މުހިންމު ރުކުނެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ. ނަމާދާ ޒަކާތާ ގުޅިފައިވަނީ ނަމާދަކީ ޚާލިޤުވަންތަ ރަސްކަލާނގެއާ އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ މަޚްލޫޤުންނާ އޮންނަ ގުޅުން ވަރުގަދަކޮށްދޭ ވަސީލަތަކަށް ވާތީކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ޤުރްއާނުގައި ޒަކާތަކީ ފަޤީރުންނާއި ނިކަމެތިންނަށް މުދަލުން ދޭންޖެހޭ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމުގައި ބަޔާންކުރައްވާފައިވެއެވެ. މިއީ ވަކި ބައެއްގެ އަތުގައި މުދާ ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ.

ޒަކާތުގެ ނިޒާމަކީ ކާމިޔާބު ނިޒާމެއްކަން ސާބިތުކޮށްދިނުމަށް ތާރީޚީ އަދި ޒަމާނީ މިސާލުތައް ހުތުބާގައި ވަނީ ހިމަނާފައެވެ. އެގޮތުން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ޒަކާތް ހިފާނެ މީހަކު ނެތް މިންވަރަށް ފަޤީރުކަން ނައްތާލެވުނުކަމާއި، މި ޒަމާނުގައި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ޒަކާތުގެ ސަބަބުން ފަޤީރުކަމުން ސަލާމަތްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި ޒަކާތް އަދާނުކުރާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ހުރިކަމާއި، އެއީ ދުނިޔޭގައި މުދަލުން ބަރަކާތް ކެނޑޭނެ ކަމެއްކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު الله سُبْحَانَهُ وَتَعَالَى ވަނީ ދެއްވައިފައެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ރަނާއި ރިހި ޚަޒާނާކޮށް، اللهގެ މަގުގައި އެ ތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޒާބު ހުރިކަމުގެ ޚަބަރު، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!"

ހުތުބާ ނިންމާލަމުން ވަނީ ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން ކަމަށާއި، އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއްކަން ހަނދާންކޮށްދީފައެވެ. އަދި ލަސްނުކޮށް ޒަކާތް ދެއްކުމަށާއި، ދަރީންނަށް އެކަން އުނގަންނައިދީ، މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ދިރުވުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0