ހާޒިރީ ބަލައިގެންވެސް ޕީއެންސީ ޖަލްސާއަށް ނެރެވުނީ 200 އެއްހާ މީހުން
ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުންނާއި ސިޔާސީ މުއައްޒަފުންގެ ހާޒިރީ ބަލައިގެން ވެސް ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާއަށް ނެރެވުނީ އެންމެ 200 އެއްހާ މީހުންނެވެ.
މި ޖަލްސާއަށް މީހުން ހަމަކުރުމަށްޓަކައި މުއައްޒަފުންގެ ލިސްޓުތައް ހަދައި، މަޖުބޫރުކޮށްގެން މީހުން ހާޒިރުކުރަން މަސައްކަތް ކޮށްފައިވާކަން “ވިރާސީ” އަށް އިތުބާރުހުރި މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.
މި ޖަލްސާއަށް މީހުން ޖަމާކުރުމުގެ ގޮތުން ކޮންމެ މަޖިލިސް މެންބަރަކު މަދުވެގެން 15 މީހުން ގެންނަން ސަރުކާރުން އޮތީ އަންގާފައެވެ. ނަމަވެސް، ގިނަ މަސައްކަތްތަކެއް ކޮށްގެންވެސް ޖަލްސާގެ ފޯރި ގަދަކޮށް، ގިނަ ބަޔަކު ތިބިކަން ދެއްކުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ސިޔާސީ ދާއިރާގެ މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ފަހުން ބޭއްވުނު ކައުންސިލް އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓަށް ފަހު، ސަރުކާރަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޖަލްސާއަށް މީހުން ނުކުތް މިންވަރު މަދުވުމަކީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ގެއްލެމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ރޭގެ ޖަލްސާ އަށް ހާޒިރު ވާނެ ކަމަށް އަންދާޒާ ކުރި އަދަދު
75 މަޖިލިސް މެންބަރުންގެ ފަރާތުން: 1125
8 ކުންފުނިން: 400
15 މިނިސްޓްރީއިން: 150
300 ސިޔާސީ މުއައްޒަފުންނާއި އެކު ޖުމުލަ: 1975 މީހުން ހާޒިރީގައި އޮތް މި ޖަލްސާއަށް ހާޒިރުވީ އެންމެ 200 އެއްހާ މީހުންނެވެ.
ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް ކުރި މި މަސައްކަތް ފެއިލްވެފައި މިވަނީ، ސަރުކާރުގެ ކެބިނެޓުގެ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރުގެ ތެރޭގައި ބޮޑެތި އޮޅުންބޮޅުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.






ރިއެކްޓް