ޚަބަރު

"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފި

16 އޭޕްރީލް 2026 - 19:14
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭނެ ޚާއްޞަ އިދާރާއެއްގެ ގޮތުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ.

މިފަދަ ބިއުރޯއެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމެވެ. މީގެ އިތުރުން، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބުދާރީވުމަކީވެސް މި ބިއުރޯގެ ޒިންމާއެކެވެ.

ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ރައްޔިތުންނަށް އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން، އެ އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިއަށް ގެންދަވާކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0