ޚަބަރު

"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި

16 އޭޕްރީލް 2026 - 18:18
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އިދާރާއެކެވެ.

މިފަދަ އޮފީހެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ނިންމެވުމަކީ ރާއްޖޭގެ ސަރަހައްދީ އިމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮފީހުން ކުރާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާއި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުމާއި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި އޮފީހުގެ މަސްއޫލިއްޔަތެކެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިމުގެ ކަންކަން ބެލެހެއްޓުމުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި އޮފީހުގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، އެ އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0