ސިޔާސީ , ޚަބަރު

ފާޑުކިޔުން އަމާޒުވެ މިނިސްޓަރު އިރުތިޝާމްގެ އެކްސް ޕްރޮފައިލުން 'ޑރ' އުނިކޮށްފި

16 އޭޕްރީލް 2026 - 15:44
ފާޑުކިޔުން އަމާޒުވެ މިނިސްޓަރު އިރުތިޝާމްގެ އެކްސް ޕްރޮފައިލުން 'ޑރ' އުނިކޮށްފި

ޔޫކޭގައި ހުންނަވާ ދިވެހި ސަފީރު އަދި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމްގެ ޕީއެޗްޑީގެ ސައްހަކަމާ މެދު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އޭނާގެ އެކްސް (ކުރީގެ ޓްވިޓާ) ޕްރޮފައިލުން 'ޑރ' ގެ ލަގަބު އުނިކޮށްފިއެވެ.

މީގެ އިތުރުން އޭނާގެ ބަޔޯގައި ކުރިން ހިމަނާފައިވާ އޮކްސްފޯޑް ޔުނިވަރސިޓީގެ ނަން ވެސް މިހާރު ވަނީ އުނިކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް 'ހަސަން ކުރުސީ' ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. ކުރުސީ ފާހަގަކޮށްފައިވާ ގޮތުގައި އިރުތިޝާމް ވަނީ ދެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ 2018 ވަނަ އަހަރު އުފެއްދި ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަރސިޓީ އާއި 2021 ވަނަ އަހަރު އުފެއްދި ކެލިފޯނިއާ މެޓްރޯޕޮލިޓަން ޔުނިވަރސިޓީންނެވެ. މި ދެ ޕީއެޗްޑީ ވެސް އޭނާ ހާސިލްކޮށްފައިވަނީ 2022 ވަނަ އަހަރު ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވެސް ކުރިން އޭނާއަށް 'ޑރ' ގެ ނަމުން މުހާތަބު ކުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމުން އެ މިނިސްޓްރީން ވެސް މިހާރު އެ ލަގަބު ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލައިގައި "ހަސަން ކުރުސީ" އިތުރަށް ފާހަގަކޮށްފައިވަނީ، އިރުތިޝާމް ޕީއެޗްޑީ ހާސިލްކުރި ކަމަށް ބުނާ ދެ މުއައްސަސާއަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) އިން ގަބޫލުކުރާ ތަންތަން ނޫން ކަމެވެ. އެހެންކަމުން އެއީ ރާއްޖެ ގަބޫލުކުރާ ސައްހަ ސަނަދުތަކެއް ނޫން ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން މިނިސްޓަރު އިހުސާން ވެސް ވަނީ އޭނާގެ ޕީއެޗްޑީއާ މެދު ސުވާލު އުފެދުމުން 'ޑރ' ލަގަބު ބޭނުންކުރުން ހުއްޓާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1