މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ ސްޕޯކްސްޕާސަންގެ މަގާމަށް މުންދު އައްޔަންކޮށްފި
މިނިސްޓަރު ފެންވަރުގައި ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މުންދު އަދާކުރައްވާ ތިންވަނަ މަގާމެވެ.
ސަރުކާރުގެ ސްޕޯކްސްޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު އިއްޔެ މިނިސްޓަރު ފެންވަރުގައި އެހެން މަގާމަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ހީނާ މިހާރު ހުންނެވީ މިނިސްޓަރ އޮފް އާޓްސް ކަލްޗާގެ މަގާމުގައެވެ.
މުންދު މީގެ ކުރިން ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން މުންދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މުންދުއަކީ އަސްމާގެ ދަރިކަލެކެވެ.
މުންދުއަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި އިސް މަގާމުތަކާއި ކެބިނެޓް މިނިސްޓަރުކަން ފުރުއްވާފައިވާ ބޭފުޅެކެވެ. ސަފީރުގެ މަގާމުން ވަކިކުރެއްވުމަށްފަހު، އަލުން ސަރުކާރުގެ އިސް މަގާމެއް މުންދުއަށް މިވަނީ ދެއްވާފައެވެ.






ރިއެކްޓް