ސިޔާސީ , ޚަބަރު

400 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމާމެދު އިންޑިއާއިން އަދިވެސް ގޮތެއް ނުނިންމާ

15 އޭޕްރީލް 2026 - 15:22
400 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމާމެދު އިންޑިއާއިން އަދިވެސް ގޮތެއް ނުނިންމާ

ދިވެހިރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން މަދުވެގެން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވީ ނަމަވެސް، އެކަމާމެދު އިންޑިއާ ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރިޒާވު ދަށްވެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހާލަތު ކުރިމަތިވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑަކާއި 400 މިލިއަން ޑޮލަރުގެ އިސްލާމިކް ސުކޫކް ބޮންޑެއް އަނބުރާ ދެއްކުމަށް މުޅި ރިޒާވް ހުސްކޮށްލައިގެން ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

ލޯނު ދެއްކުން ފަސްކުރުމާ މެދު ގޮތެއް ނިންމުމުގައި އިންޑިއާ ސަރުކާރަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. އެގޮތުން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ކުރިން ހުއްދަ ދީފައިވަނީ ދެ ފަހަރެއްގެ މަތިން ހަމައެކަނި ހަ މަސް ދުވަހުގެ މުއްދަތަށް ލޯނު ދެއްކުން ފަސްކޮށްދިނުމަށެވެ. އެ ދެ ފަހަރަށް ފަސްކޮށްދިނުމުން ރާއްޖެއިން ވަނީ އިތުރު ދެ އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ފަސްކޮށްދިނުމަށް އެދިފައެވެ.

ހިންދުސްތާން ޓައިމްސްއިން ބުނެފައިވަނީ ރާއްޖެއިން އެދިފައިވާ ގޮތަށް ދިގު މުއްދަތަކަށް ލޯނު ދެއްކުން ފަސްކޮށްދިނުމާ މެދު އިންޑިއާ ސަރުކާރުން އަދިވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ ނިންމުން އަދި އޮތީ ނުނިމި ކަމަށް އެ ނޫހުން ބުނެފައިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0