ސިޔާސީ , ޚަބަރު

އެމެރިކާގެ މަންދޫބު މުއިއްޒާއި ސިއްރުން ބައްދަލެއް ނުކުރި: ހިންދުސްތާން ޓައިމްސް

15 އޭޕްރީލް 2026 - 19:57
އެމެރިކާގެ މަންދޫބު މުއިއްޒާއި ސިއްރުން ބައްދަލެއް ނުކުރި: ހިންދުސްތާން ޓައިމްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ސާޖިއޯ ގޯ މިދިޔަ މާރިޗު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލްވެފައިވާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މާރިޗު 23 ގައި ސާޖިއޯ ގޯ ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވި ނަމަވެސް، ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް އޮތް ފުރުސަތު ދިވެހި ސަރުކާރުން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފައެވެ. އަދި ޑިޕްލޮމެޓިކް އުސޫލުން އެ ބައްދަލުވުން އަލުން ކުރިއަށް ގެންދިއުމަށް އެދުމުން، ރައީސް މުއިއްޒު ހުށަހެޅީ "ސިއްރު ބައްދަލުވުމެއް"ބޭއްވުމަށެވެ. ނަމަވެސް އެމެރިކާގެ މަންދޫބު އެކަމަށް އިންކާރު ކުރައްވައި، ރައީސްއާ ބައްދަލުނުކުރައްވައި ފުރާވަޑައިގަތީ ކަމަށް އެ ނޫހުން ބުނެއެވެ.

ހިންދުސްތާން ޓައިމްސް އިން ބުނެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ އަދި ތަރައްގީގެ ކަންކަމުގައި ބޭރުގެ ފަރާތްތަކުގެ ޕްރެޝަރު އަތުވެދާނެތީ ރައީސް މުއިއްޒު ގިނަ ބޭފުޅުންނާ ބައްދަލުނުކުރައްވާ ކަމަށްވެސް އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ މަންދޫބާ ބައްދަލުނުކުރެއްވި ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެއެވެ. އެގޮތުން އޭޕްރީލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާއި، މާލެ ހިމެނޭހެން ފަސް ސިޓީއެއްގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރުން އެ ނޫހުން ފާހަގަކުރެއެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ދެތިން އަހަރަށް ފަސްކޮށްދިނުމަށް ރާއްޖެއިން އެދިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކުރެއެވެ. ނަމަވެސް، އިންޑިއާގެ ކެބިނެޓުން ކުރިން ހުއްދަ ދީފައިވަނީ ހަމައެކަނި ހަ މަސް ދުވަހުގެ ދެ ފަހަރަށް ލޯނު ފަސްކޮށްދިނުމަށް ކަމަށްވުމުން، މިކަމުގައި އިންޑިއާއިން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ހިންދުސްތާން ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0