ބައެއް މަސައްކަތްތައް ހުއްޓިފައިވަނީ ބޮޑުހިލަ ނުލިބޭތީ: މުއްތަލިބް
ބައެއް ރައްރަށުގެ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައިވަނީ ރާއްޖެއަށް ބޮޑުހިލަ ލިބުމަށް ދަތިވެގެން ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއްތަލިބް ވިދާޅުވީ ރާއްޖެއަށް އާންމުކޮށް ބޮޑުހިލަ ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން އެ ގައުމުން ހިލަ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،" މުއްތަލިބް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މުއްތަލިބް ވިދާޅުވީ، އިންޑިއާއިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުއްތަލިބް މިހެން ބުނި ކަމުގައި ވީނަމަވެސް އިންޑިއާ ހައި ކޮމިޝަނުން މި މަހު ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރާއި އަންނަ އަހަރަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިމެނޭހެން ޒަރޫރީ ބައެއް ބާވަތްތައް ހާއްސަ ކޯޓާއެއްގެ ދަށުން ރާއްޖެއަށް ލިބޭނެކަން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، މުއްތަލިބް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި، އިންތިހާބާ ދިމާކޮށް ގިނަ ރަށްރަށެއްގައި ފެށި ބައެއް މަސައްކަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ.






ރިއެކްޓް