ސިޔާސީ , ޚަބަރު

ވަޒީރުން އިސްތިއުފާދިން ސަބަބު ރައްޔިތުންނަށް ހާމަ ކުރުމަށް ފައްޔާޒު ގޮވާލައިފި

15 އޭޕްރީލް 2026 - 08:51
ވަޒީރުން އިސްތިއުފާދިން ސަބަބު ރައްޔިތުންނަށް ހާމަ ކުރުމަށް ފައްޔާޒު ގޮވާލައިފި

ސަރުކާރުގެ ކެބިނެޓަށް އިއްޔެ ގެނައި ކުއްލި ބަދަލުތަކާ ގުޅިގެން، ވަޒީރުން އިސްތިއުފާދެއްވި ސަބަބު ރައްޔިތުންނަށް ތެދުބަހުން ހާމަކޮށްދިނުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.

ފައްޔާޒު މިކަމަށް ގޮވާލެއްވީ އިއްޔެ ކުއްލި ގޮތަކަށް 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ ގައުމުގެ ސިޔާދަތު ހިފަހައްޓަން ހުރި ދިފާއީ ވަޒީރާއި، ބޭރު ދުނިޔޭގައި ރާއްޖޭގެ ސިޔާދަތުގެ ރައްކާތެރިކަމަށް މަސައްކަތް ކުރަން ހުރި ހާރިޖީ ވަޒީރު ހިމެނޭހެން 10 ވަޒީރަކު އިސްތިއުފާ ދިނުމުގެ ފަހަތުގައި ބޮޑެތި ސަބަބުތަކެއް ވާނެ ކަމަށެވެ.

"ސަރުކާރަކުން މި ސަބަބުތައް ސިއްރުކޮށްގެން ނުތިބެވޭނެ. ރައްޔިތުންނަށް މި ވާނުވާ ތެދުބަހުން ބުނެދޭންޖެހޭނެ. ނޫންނަމަ ވަރަށް ބިރުވެރި ގޮތްގޮތަށް މާނަކުރުމުގެ ޖާގަ ތި ހުޅުވައިދެވެނީ،" ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބައެއް މިނިސްޓްރީތަކުގެ ނަންތަކަށް ބަދަލު ގެނެސްފައެވެ. އަދި މި ބަދަލުތަކާއެކު އަލަށް އައްޔަންކުރެއްވި ވަޒީރުން ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0